އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް އެނގޭނެފަދައިން ވަގުތަކީ ވަރަށްވެސް މުހިންމު އެއްޗެކެވެ. އަދި އެވަގުތެއް ގެއްލިއްޖެނަމަ، އަނބުރާ ގެނައުމަކީ ނާދިރުކަމެއްކަން އަޅުގަނޑުމެންގެ ތެރެއިން ހަމަކޮންމެ އިންސާނަކުވެސް ޤަބޫލުކުރެއެވެ. އެންމެ ކުޑަވެގެން ގެއްލިގެންދާ ސިކުންތެއްގެ މިންވަރުވެސް އަޅުގަނޑުމެންނަށް ގެނައުމަކީ ކުޅަދާނަވެގެންވާކަމެއްނޫނެވެ.
މިހެންކަމުން، ދިރިއުޅުމުގެ ޙަޔާތުގައި ވަގުތަކީ އެހާވެސް މުހިންމު އެއްޗެކެވެ. ޚާއްޞަކޮށް އަޅުގަނޑުމެން މުސްލިމުންނަށް ވަގުތަކީ އަގުބޮޑު ޖަވާހިރަށްވުރެސް މުހިންމު އެއްޗަކަށް ވެގެންނޫނީ ދާންއޮތް އުޚުރަވީ ޙަޔާތް ބާއްޖަވެރިކުރެވޭނެ ހަމައެއްގޮތެއްވެސް ނޯންނާނެއެވެ. ނަމަވެސް، މިކަން އަޅުގަނޑުމެން މުސްލިމުންކަމަށް ދަޢުވާކުރާ މީހުންނަށް ނުވިސްނޭކަމީ މިއަދު ޙައިރާންވާކަމެކެވެ.
މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައެވެ. ” ތިމަން އިލާހު އިންސިންނާއި ޖިންނިން ތިމަން އިލާހަށް އަޅުކަންކުރަންމެނުވީ ނުއުފައްދަވަމެވެ. ” މި އާޔަތުގެ މާނައިންވެސް އަޅުގަނޑުމެންނަށް ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފަންޖެހޭކަމުގެ މުހިންމުކަން އެނގިގެންދެއެވެ. އެހެނީ ދުނިޔެއަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ފޮނުއްވީ އެކަލާނގެއަށް އަޅުކަންކުރާށެވެ. އެއަޅުކަން ފުރިހަމައަށް އަދާކުރުމަށްޓަކައި ދިރިއުޅުމުގެ އެހެނިހެން ކަންކަމުގައިވެސް ޝާމިލްވެ އުޅެންޖެހެއެވެ. އެގޮތުން ގެދޮރު ޢިމާރާތްކުރުމާއި ޢާންމުދަނީ ހޯދުމަށްޓަކައި ކުރެވޭ އެހެނިހެން މަސައްކަތްތަކެވެ. އަނބިދަރިންނާއި ނުވަތަ އެކުވެރިންނާއި އެކު ހޭދަކުރެވޭ ވަގުތުތަކެވެ. މިދެންނެވުނު ކޮންމެ ކަމަކީވެސް އެކަލާނގެ ރުއްސަވާގޮތަށް ކުރެވިއްޖެނަމަ އަޅުކަމުގެ ތެރޭގައި ހިމެނިގެންދާނެކަންކަމެވެ.
އެއާއިއެކު، އިތުރު ވަގުތުތަކެއް ތިބާއެކަނި އިނދެ އެކަލާނގެމަތިން ހަނދުމަކޮށް ޛިކުރު ކުރުމަށްޓަކައި ހުސްކޮށްލަން އެބަޖެހެއެވެ. އެގޮތުން ކީރިތި ޤުރުއާން ކިޔެވުމާއި ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުމަށާއި އަދިވެސް އެހެނިހެން ދުޢާތައް ކިޔުމުގައްޔާއި ތަފާތު ޢިބްރަތްތައް ލިބިދޭ ދަރުސްތައް އަޑުއެހުމުގައި ތިމާގެ ވަގުތު ހޭދަކޮށްލުމީ ވަރަށްވެސް މުހިންމުކަމެކެވެ.
ނަމަވެސް ހިތާމައަކީ، މިއަދު މިފަދަ ޒަމާނެއްގައި އަޅުގަނޑުމެން ވަގުތާއިމެދު ވަރަށްބޮޑަށް ޣާފިލްވެފައިވާކަމެވެ. އެހެނީ، ދިރިއުޅުމުގެކަންކަން ނިމި ހުސްވަގުތެއް ލިބިއްޖެނަމަ، އަބަދުވެސް ބެލެނީ ކޮންމެވެސް ކަހަލަ ކުޅިވަރެއް ނުވަތަ އެނޫންވެސް ކަމެއް ރާވާލެވޭތޯއެވެ.
މިދަންނަވަނީ، ކުޅިވަރު ނުކުޅޭށެކޭ ނޫނެވެ. އަދި ހުސްވަގުތުގައި އެހެނިހެން ކަންކަންވެސް ނުކުރާށެކޭ ނޫނެވެ. އެހެނަސް އަޅުގަނޑުމެންގެ ތެރެއިން އެތައްބަޔަކު ވަނީ، ހުސްވަގުތު މިފަދަކަންކަން ކުރުމުގައި ހައްދުފަހަނަ އަޅާގޮސްފައެވެ. ޕިކްނިކް ދިޔުމުގައްޔާއި ބާބަކިއު ހެދުމުގާވެސް ނުވަތަ ކުޅިވަރު ކުޅުމުގައިވެސް ވަކިވަރެއްގެ ޙައްދެއް ގެންގުޅެންވާނެއެވެ. އެއީ މުސްލިމުންގެ ގޮތެވެ. މުސްލިމުން އެއްވެސް ކަމެއްގައި ޙައްދުފަހަނައަޅައެއް ނުދާނެއެވެ.
މި މައުޟޫޢަށް ވާހަކަ ދައްކާއިރު އަޅުގަނޑު ހަނދާންވެގެންދަނީ، ބަރަކާތްތެރި ރަމަޟާންމަހުގެމަތިންނެވެ. އެމަހުގައި އެތައް މުސްލިމުންނެއް ޤުރުއާންކިޔެވުމާއި ޛިކުރު ކުރުމުގައި ވަގުތުތައް ހޭދަކުރެއެވެ. ކަންވާނީވެސް އެހެންނެވެ. އެހެނީ އެއީ ޘަވާބާއި ދަރުމަލިބިގެންވާ މައްސަރަކަށްވެފައި ބަރަކާތްތެރި މައްސަރަކަށް ވީމައެވެ. އެހެންނަމަވެސް، ﷲ ތަޢާލާ ޤުރުއާން ކިޔަވާ މީހުންނަށާއި ޛިކުރު ނުވަތަ ނަމާދުކުރާ މީހުންނަށް ޘަވާބު ދެއްވަނީ ހަމައެކަނި އެމަހަކު ނޫނެވެ. އެކަލާނގެއީ ހެޔޮޢަމަލެއް އިންސާނަކު ކޮއްފިނަމަ ހެޔޮޖަޒާދެއްވާނެ އިލާހެވެ. އޯގާވަންތަ އިލާހެއެވެ.
އަޅުގަނޑުމެންނަކީ އަބަދުވެސް ކޮންމެވެސް ކަހަލަ ފާފައަކުން ސަލާމަތްނުވެވިގެން އުޅޭ މީހުންނެވެ. މިހެންކަމުން ތިމާއަށް ލިބޭ ހުސްވަގުތުތައް، ކޮންމެވެސް ގޮތަކަށް ޝެޑިއުލްކޮށް ﷲ ތަޢާލާ މަތިން ހަނދުމަކުރުމުގަޔާއި ޤުރުއާން ކިޔެވުމާއި އެނޫންވެސް ހެޔޮކަންކަމުގައި ހޭދަކުރުމަށް ޢަޒުމް ކަނޑައަޅަމާ ހިންގަވާށެވެ.
އަބަދުވެސް ދަންނާށެވެ. އެކުވެރިންނާއި އެކުވެސް އުޅެންޖެހޭނެއެވެ. އެހެނަސް ވަކިވަގުތެއްދޭށެވެ. ކުޅިވަރާއި މަޖަލުގައިވެސް އުޅެންޖެހޭނެއެވެ. އެހެނަސް ވަކިވަގުތެއް ދޭށެވެ. މުނިފޫހިފިލުވުމުގައިވެސް އުޅެންޖެހޭނެއެވެ. އެހެނަސް ވަކިވަގުތެއް ދޭށެވެ. ކޮންމެ ދުވަހަކުވެސް ޤުރުއާން ކިޔެވުމާއި ޛިކުރުކުރުމާއި އެނޫންވެސް ހެޔޮކަންތައްތައް ކުރުމުގައި ވަގުތުތަކެއް ހޭދަކުރާށެވެ. އޭރުން އިންޝާﷲ ހުރިހާކަމެއްވެސް ރަނގަޅުވާނެއެވެ. އޭރުން ހުސްވަގުތުގެ ބޭނުންވެސް ހެޔޮގޮތުގައި ހިފޭނެއެވެ.
ލިޔުނީ: ޢަލީ ޒިޔާދު / ނ.ލަންދޫ
Leave a Reply