މިއަހަރުގެ އަޟްހާ ޢީދުގެ މުނާސަބަތުގައި ކުޅެވުނު އިންނަ (މީހުންނާއި އިނދެގެންއުޅޭ) ނީންނަ (ހުސްހަރިބައި) ފުޓްސަލް މެޗް ފޯރިގަދަ ކުޅުމަކަށްފަހު ނީންނަ ޓީމުން ކާމިޔާބުކޮށްފި
މާއުނގޫދޫ ފުޓްސަލް ދަނޑުގައި މިއަދު ހަވީރު ކުޅެވުނު މިފުޓްސަލްމެޗް ފޯރިގަދަ ކުޅުމަކަށްފަހު 5 – 6 އިން ކާމިޔާބުކުރީ ނީންނަ ޓީމުންނެވެ. މެޗު ފަށައިގެން ނީންނަ ޓީމުން ރަނގަޅު ހަމަލާތަކެއް އުފައްދައި އިންނަ ޓީމްގެ ގޯލަށް ނުރައްކާކުރަމުންދިއައެވެ. އެހަމަލާތައް އިންނަ ޓީމްގެ ކީޕަރު އަޙްމަދު ނިސާމް ވަނީ ވަރަށް ހުޝިޔާރުކަމާއެކު ދިފާޢުކޮށްފައެވެ. ނަމަވެސް މާގިނައިރުތަކެއްނުވެ މެޗްގެ 4 ވަނަ މިނެޓްގައި ނީންނަ ޓީމްގެ މުޙައްމަދު ފާރިޤް ވަނީ ގޯލެއްޖަހައި އެޓީމަށް ލީޑުނަގައިދީފައެވެ. އޭގެފަހުންވެސް މޮޅަށް ކުޅެމުންދިއައީ ނީންނަ ޓީމުންނެވެ. އެޓީމުން ފުރަތަމަ ހާފްގެ ތެރޭގައި އިތުރު 2 ގޯލް ޖަހައި ލީޑު ފުޅާކޮށްލިއެވެ. އިންނަޓީމްގެ ކުޅުން އިތުރަށް ރަނގަޅުކޮށް ހަމަލާތައް އުފެއްދަން ފެށުމުގެ ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފް ނިމުމުގެ ކުރިން 2 ލަނޑުޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްލިއެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 2 – 3 ގެ ނަތީޖާއިން ނީންނަޓީމް ކުރީގައޮވެގެންނެވެ.
ދެވަނަ ހާފު ފެށިގެން ފުރަތަމަ ވަޤުތުކޮޅުގައި ނީންނަ ޓީމްގެ ފާރިޤް އިތުރު ލަނޑެއް ޖަހައި ލީޑް ފުޅާކޮށްލިއެވެ. އޭގެ އިރުކޮޅެއްފަހުން އިންނަ ޓީމުން އިތުރު ލަނޑެއްޖަހައި ފަރަގު ކުޑަކޮށްލިއެވެ. ދެވަނަ ހާފްގައިވެސް ރަނގަޅު ހަމަލާތަކެއް ނީންނަ ޓީމްގެ ފަރާތުން ފެނިގެން ދިޔައެވެ. މިހަމަލާތަކުގެ ހުރަހަކަށް ވެގެންދިޔައީ އިންނަޓީމްގެ ގޯލަށް ދެވަނަ ހާފްގައި ކުޅެން އެރި އަލީ އިރުފާނެވެ. މެޗުގެ ބާކީބައިގައި އޭނަގެ ފަރާތުން އާދަޔާހިލާފު މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ނަމަވެސް މެޗުގައި މޮޅަށް ކުޅެމުންދިޔަ ނީންނަޓީމުން އިތުރު ލަނޑެއްޖަހައި ފަރަގު ބޮޑުކޮށްލިއެވެ. މެޗުގެ ފަހުކޮޅު އިންނަ ޓީމްގެ ކުޅުން ރަނގަޅުކޮށް އިތުރު ލަނޑެއްޖަހައި މެޗުގެ ފޯރިގަދަކޮށްލިއެވެ. ނަމަވެސް ނީންނަޓީމުން އަނެއްކާވެސް އިތުރު ލަނޑެއްޖަހައި އިންނަޓީމް ހާސްކަމެއްގެތެރެއަށް ވައްޓާލިއެވެ. ނަމަވެސް މެޗުގެ އެންމެ ފަހު ވަޤުތުކޮޅު އިންނަޓީމުން އިތުރަށް ހިތްވަރުކޮށް އިތުރު ލަނޑެއްކާމިޔާބުކުރިއެވެ. މެޗް ނިމިގެންދިޔައީ 5 – 6 ގެ ނަތީޖާއިން ނީންނަޓީމް މޮޅުވެގެންނެވެ.
“އިންނަ ނީންނަ” މެޗްތަކުގެ ފަހުގެ ތާރީހެއްގައި ނީންނަމީހުންގެ ޓީމަށް މޮޅެއްހޯދު މިއީ ފުރަތަމަ ފަހަރެވެ.
Leave a Reply