މި އާޔަތް ތަފްސީރު ކުރައްވާ العلامة محمد بن صالح العثيمين رحمه الله ވިދާޅުވެފައިވެ އެވެ. މިއާޔަތް އައިސްފައިވަނީ މި (މައުޟޫގައި) ވަޙީކުރައްވާފައިވާ ފުރަތަމަ އާޔަތަށްފަހުގަ އެވެ. އެ އާޔަތުގައިވަނީ، ހޭދަކުރާ މީހާގެ ހޭދަކުރުމަށް ވާޖިބުވެގެންވަނީ ﷲ އަށް އިޚްލާޞްތެރިކަމާ އަދި ނަބިއްޔާ صلى الله عليه وسلم އަށް ތަބަޢަވުމުގަ އެވެ. އަދި އެ ހޭދަކުރާ ތަކެއްޗާ ބެހޭގޮތުން ކަލަގޮވުމާއި އެހެނިހެން ގޮތްތަކުން އުނދަގުލެއް ދެވިގެން ނުވާނެ އެވެ. ﷲ عزَّوجل ވަޙީކުރައްވި އެވެ. ﴿الَّذِينَ يُنفِقُونَ أَمْوَالَهُمْ فِي سَبِيلِ اللّهِ ﴾ މީގެ ކުރީގެ އިސްވެދިޔަ އާޔަތުގެ މައްޗަށް އަހަރެމެން ބަޔާންކުރި ފަދައިން ބަޔާންކުރަމެވެ. ﴿ ثُمَّ لاَ يُتْبِعُونَ مَا أَنفَقُواُ مَنّاً وَلاَ أَذًى ﴾ މާނައީ : އޭނާ ހޭދަކުރި ތަކެތީގެ މައްޗަށް ކަލަގޮވުމެވެ. އެގޮތުން އޭނާ ހޭދަކޮށްފައިވާ ކަމަށް ސީދާ ބުނުން ނުވަތަ، ހޭދަކޮށްފައިވާކަން އޭނާގެ ބަސްތަކުން ފާޅުކުރުމެވެ. އެގޮތުން އޭނާ އަކީ އެ ހޭދަކުރި ތަކެތީގެ މައްޗަށް ކަލަގޮވި މީހެކެވެ. ﴿ وَلاَ أَذًى ﴾ އެއީ އޭނާގެ ބަސްތަކުން އެ ހޭދަކުރި ހޭދަކުރުމުގެ މައްޗަށް އުނދަގޫ ކުރުމެވެ. މިޘާލަކަށް މީސްތަކުންގެ ކުރިމަތީގައި މިފަދައިން ބުނެހެދުމެވެ. “އަހަރެން މިވެނި މީހަކަށް އެވެނި މިވެނި ވަރެއް ހޭދަކުރީމެވެ.” އެ ހިނދު އެރައްދުވާ މީހާ އެތަނަށް ހާޟިރުވެ ހުރެ އެވެ. ފަހެ، އެ ހިނދު އޭގެ ސަބަބުން އުނދަގޫކުރެވެ އެވެ. ﴿ لَّهُمْ أَجْرُهُمْ عِندَ رَبِّهِمْ ﴾ މިއީ މިއާޔަތުގެ ފެށުމުގައިވާ ބަސްފުޅު ކަމުގައިވާ ﴿الَّذِينَ يُنفِقُونَ ﴾ އޭގެ ނަތީއްޖާ އެވެ. މާނައީ، އެބައިމީހުންނަށް ﷲ عزَّوجل ގެ ޙަޟުރަތުގައި މަތިވެރިވެގެންވާ ޘަވާބު ހުއްޓެވެ. މިތަނުގައި ﷲ عزَّوجل އަޖުރުގެ ގޮތުގައި ޘަވާބު ވަޙީކުރައްވާފައިވުމުގެ މުރާދަކީ، ސަބަބަކީ އެއީ އެ ޢަމަލަށް ބަދަލުގެ ގޮތުގައިދެވޭ އެއްޗަކަށް ވުމުންނެވެ.﴿ لَّهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلاَ خَوْفٌ عَلَيْهِمْ وَلاَ هُمْ يَحْزَنُونَ﴾ އެއީ މުސްތަޤްބަލުގަ އެވެ. ﴿ وَلاَ هُمْ يَحْزَنُونَ﴾ މާޒީވެ ދިޔަ ތަނުގަ އެވެ. ﷲ އަށްޓަކައި ކޮށްފައިވާ ޢަމަލު ނެތިވެ ގޮސްދާނެ ކަމަށް އެބައިމީހުން ބިރެއްނުގަނެ އެވެ. އަދި އެބައިމީހުން ﷲ ގެ މަގުގައި ހޭދަކުރި ހޭދަކުރުމުގެ މައްޗަށް އެއްވެސް ހިތާމައެއް ނުކުރާނެ އެވެ. ސަބަބަކީ، އެބައިމީހުންގެ ނަފްސުތައް ވަނީ އެ އެއްޗެއް ހޭދަކުރުމުގެ މައްޗަށް ނުހަނު ބޮޑަށް ރުހި، ހިތްހަމަ ޖެހުމުގަ އެވެ.
މި އާޔަތުގައި އަންނަނިވި ޙުކުމްތަކާއި ފައިދާތައްވެ އެވެ.
1. ﷲ ގެ މަގުގައި ހޭދަކުރާ ހޭދަކުރުން ބާޠިލްކުރާނެ ކަންތަކެއް އައިސްދާނެ ކަމެވެ. އަދި އެއީ މީހަކަށް އެއްޗެއް ދިނުމަށްފަހުގައި ކަލަގޮވުމެވެ. ﷲ ވަޙީކުރައްވާފައިވާ ފަދައިންނެވެ. ﴿ يَا أَيُّهَا الَّذِينَ آمَنُواْ لاَ تُبْطِلُواْ صَدَقَاتِكُم بِالْمَنِّ وَالأذَى﴾ “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލަގޮވުމުންނާއި އުނދަގޫ ދިނުމުން ތިޔަބައިމީހުންގެ ޞަދަޤާތްތައް ބާޠިލް ނުކުރާހުށި ކަމެކެވެ.” އަދި ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (ثلاثةٌ لا يُكَلِّمُهُمُ اللَّهُ ، ولا ينظرُ إليهِم يَومَ القيامةِ ، ولا يُزَكِّيهم ، ولَهُم عذابٌ أليمٌ قلتُ : مَن هُم يا رسولَ اللَّهِ قد خابوا وخسِروا ؟ فأعادَها ثلاثًا ، قلتُ : مَن هُم خابوا وخسِروا ؟ فقالَ : المُسبِلُ، والمنَّانُ، والمُنفِّقُ سِلعتَهُ بالحَلفِ الكاذبِ) “ޤިޔާމަތް ދުވަހުގައި ﷲ ބަސްފުޅުވަޙީ ނުކުރައްވާނެ، ބައްލަވާވޮޑިނުގަންނަވާނެ، އެބަޔަކަށް ފާފަ ނުފުއްސަވާނެ އަދި ޤަދަފަދަ ޢަޛާބު ދެއްވާނެ 3 މީހަކުވެ އެވެ.” މިފަދައިން ތިންފަހަރު ތަކުކާރު ކުރެއްވި އެވެ. އެހިނދު ޞަޙާބީން ދެންނެވި އެވެ. އޭ ﷲ ގެ ރަސޫލާ އެވެ. އެބަޔަކަށް ހުރި ނިކަމެތިކަމާއި އަބާއްޖަވެރިކަމުގެ ބޮޑުކަމާ އެވެ. އެބައިމީހުންނަކީ ކޮންބައެއްތޯ އެވެ؟ ޙަދީޘް ކުރެއްވި އެވެ. “އިސްބާލު ކުރާ މީހާ، ކަލަގޮވާމީހާ އަދި އޭނާގެ އަތުގައިވާ މުދާ ދޮގު ހުވާތަކެއްކޮށް ވިއްކާލާ މީހާ އެވެ.”
2- ހޭދަކުރުމަށްފު ކަލަގޮވުން ޙަރާމްކުރެވިފައި ވުން. އަދި ހޭދަކޮށްފައިވާ އެތީގެ މައްޗަށް އުނދަގޫކުރުން ޙަރާމްކުރެވިގެންވުމެވެ. ސަބަބަކީ، ހޭދަކޮށްފައިވާ މީހާ އޭނާ ކަލަގޮވުމުގެ ސަބަބުންނާއި އުނދަގޫ ކުރުމުގެ ސަބަބުން އޭނާގެ މުދާ ބޭކާރުކޮށް ހަލާކު ކޮށްލީ އެވެ. މުދާ ބޭކާރު ގޮތުގައި މުދާ ހަލާކުކޮށްލުމަކީ ޙަރާމްވެގެންވާ ކަމެކެވެ. ސަބަބަކީ ނަބިއްޔާ صلى الله عليه وسلم ވަނީ މުދާ ބޭކާރުކޮށްލުން ޙަރާމް ކުރައްވާފަ އެވެ. އަދިވެސް މި ބާބުގައި ﷲ ވަޙީކުރެއްވި އެވެ.
މި އާޔަތް ތަފްސީރު ކުރައްވާ العلامة محمد بن صالح العثيمين رحمه الله ވިދާޅުވެފައިވެ އެވެ. ﴿ يَا أَيُّهَا الَّذِينَ آمَنُواْ﴾ “ޤުރުއާން އަލް-ޢަޟީމްް ގައި ވަރަށްގިނައިން މި ބަސްފުޅު ތަކުރާރުކުރެވިގެންވެ އެވެ. މިކަމުގެ ޤަޞްދަކީ، މިބަސްފުޅަށް ފަހުގައި ބަޔާންކުރައްވާފައިވާ ބަސްފުޅުތަކުގެ މައްޗަށް ސަމާލުވުމާއި، އެއަށް ހިތްވަރުދިނުމާއި ބަސްފުޅު ޤަބޫލުކުރުމެވެ. ސަބަބަކީ މުއުމިނަކަށް މި މަތިވެރި ހެޔޮވެގެންވާ ސިފައިގައި މުޚާޠަބު ކުރެވިއްޖެ ހިނދު އޭނާ ސަމާލުވާނެ އެވެ. އެގޮތުން عبد الله بن مسعود رضي الله عنه ވިދާޅުވެފައިވެ އެވެ. “ތިބާއަށް، ﷲ މިފަދައިން ﴿ يَا أَيُّهَا الَّذِينَ آمَنُواْ﴾ ވަޙީކުރައްވާފައިވާ ކަން އިވިއްޖެ ނަަމަ، ތިބާގެ ކަންފަތުން ސަމާލުކަން ދޭށެވެ. ހަމަކަށަވަރުން އެހިނދު އެއީ، ތިބާގެ މައްޗަށް އަމުރުކުރެވޭ ހެޔޮކަމެއް ކަމުގައިވެ އެވެ. ނުވަތަ އެއީ ތިބާގެ މައްޗަށް ނަހީކުރެވިގެންވާ ނުބައިކަމެކެވެ.” ﴿ لاَ تُبْطِلُواْ صَدَقَاتِكُم بِالْمَنِّ وَالأذَى ﴾ ޔަޢުނީ : ބޭކާރުގޮތުގައި ތިޔަބައިމީހުންނަށް އެއްވެސް ފައިދާއެއް ނުވާގޮތުގައި ނަހަދާށެވެ. ﴿بِالْمَنِّ وَالأذَى ﴾ ޔަޢުނީ : ހޭދަ ކުރުމަށްފަހުގައި ކަލަގޮވުމެވެ. އަދި ހޭދަކޮށްދިން މީހާއަށް އެކަމުން އުނދަގޫ ކުރުމެވެ. ފަހެ، މިކަމަކީ، އިންސާނާ ޞަދަޤާތް ކުރުމަށްފަހުގައި އެ ހޭދަކުރި އެއްޗެއް ބާޠިލް ކޮށްލުމެވެ. އެއީ، ކަލަގޮވުމުން އަދި އުނދަގޫ ކުރުމުގަ އެވެ. އަދި ޞަދަޤާތް ކުރުމުގެ ކުރިން އެ ޞަދަޤާތް ބާޠިލްކޮށްލާ އެއްޗެއްވެސްވެ އެވެ.
ﷲ ވަޙީކުރެއްވި އެވެ. ޔަޢުނީ : އޭނާގެ މީސްތަކުންނަށް ދެއްކުމަށްޓަކައި ހޭދަކުރުމެވެ. މާނައީ : މީސްތަކުންގެ ލޯމަށްޗަށް ދެއްކުމަށްޓަކައި އަދި މީސްތަކުންގެ ފަރާތުން މިފަދައިން ބުނުމަށްޓަކަ އެވެ. މި މީހަކީ ހާދަހާ ދީލަތި މީހެކެވެ. މި މީހަކީ ހާދަހާ ހޭދަކުރާ މީހެކެވެ. މިއީ ޞަދަޤާތް ކުރުމަށް ހާދަހާ ލޯބިކުރާ މީހެކެވެ. ފަހެ މިއީ ޞަދަޤާތް ބާޠިލްކޮށްލާނެ އެއްޗެކެވެ. އެޞަދަޤާތުގެ ތެރޭގައި ދެއްކުންތެރިކަން އެކުލެވިފައިވުމުން އެ ބާޠިލްވެގެންދެ އެވެ. އަދި ފުރަތަމައަށް ބަޔާންކުރެވުނީ، ކަލަގޮވުމުންނާއި އުނދަގޫ ކުރުމުން ޞަދަޤާތް ބާޠިލްވެގެންދާނެ ކަމެވެ. ﴿ وَلاَ يُؤْمِنُ بِاللّهِ وَالْيَوْمِ الآخِرِ ﴾ ޔަޢުނީ : އޭނާއަކީ، ﷲ އަށް އީމާންވުމާއި އާޚިރަތް ދުވަހަށް އީމާންވުން ފުރިހަމަވެގެންވާ (ފުރިހަމަ ކަމުގައިވާ) މީހެއް ނޫނެވެ. މިއީ މުއުމިނެއް ކަމުގައިވާ ޙާލުގަ އެވެ. ފަހެ، ދެއްކުންތެރިކަމުގެ ސަބަބުން އޭނާގެ އީމާންކަންވަނީ އުނިވެފަ އެވެ. އެހެނަސް ދެއްކުންތެރިކަމަށް ޢަމަލު ކުރުމުގައިވާ މުނާފިޤަކީ، ދެއްކުންތެރިކަމަށް ނޫނީ ޢަމަލު ނުކުރާނެ މީހެކެވެ. މީފަދަ މީހާގެ ކިބައިން އީމާންކަންވަނީ އެކުއެކީގައި ނަފީކުރެވިގެންެނެވެ. ﴿ فَمَثَلُهُ ﴾ ޔަޢުނީ : މީސްތަކުންނަށް ދެއްކުމަށްޓަކައި ހޭދަ ކުރާމީހާ އެވެ. ﴿ كَمَثَلِ صَفْوَانٍ عَلَيْهِ تُرَابٌ ﴾ الصَفْوَانٍ އަކީ އެ ހިލަގަނޑެއް އޮމާންކަމުން އޭގެ މަތީގައި ވެލިތައް ހަރުލުމެއް ނުވާ ހިލަގަނޑެކެވެ. އަދި ވެލިތައް އެއިން ވަކިވެގެންދާހުއްޓެވެ. ފަހެ، މިފަދަ ހިލައެއްގެ މައްޗަށް ވެލި ޖަމަޢަވެއްޖެ ހިނދުގައި، ﴿ فَأَصَابَهُ وَابِلٌ ﴾ ގަދަފަދަ ބޯ ވާރޭގަނޑެއް ވެހިދެ އެވެ. އަދި ﴿ فَتَرَكَهُ صَلْداً ﴾ ޔަޢުނީ : ހުރިހައި ވެއްޔެއް ވަކިކޮށް ހުސް ހިލަގަނޑަކަށް ބަދަލުވެގެންދެ އެވެ. އޭގެ މަތީގައިވި ހުރިހާ ވެއްޔެއް ވަކިވެގެންދެ އެވެ. ސަބަބަކީ، އެއީ އޮމާން ހިލައެއްގެ ގޮތުގައިވެ އަދި ބޯ ވާރޭގަނޑެއް ވެހުމުންނެވެ. ފަހެ، އެހިނދުގައި ހުރިހައި އެއްޗެއް ވަކިވެދެ އެވެ. ﴿ لاَّ يَقْدِرُونَ عَلَى شَيْءٍ مِّمَّا كَسَبُواْ ﴾ ޔަޢުނީ : ސަބަބަކީ އެންމެހައި (ދަރުމައެއް، ޘަވާބު) ހަލާކުވެ ނެތިވެ ދިއައީ އެވެ. އެއިން އެއްވެސް އެއްޗެއް ހޯދުމަކަށް އެބައިމީހުންނަށް ކުޅަދާނަކަމެއް ނުވެ އެވެ. އެ ހިލައިގެ މަތީގައިވާ އެންމެހައި ވެއްޔެއް ނެތިވެ ދިއުމުން، އޭގެ މަތީގައި ގޮވާންކުރެވޭނެ އެއްޗެއް ގޮތެއްނޯންނާނެ އެވެ. ﴿ وَاللّهُ لاَ يَهْدِي الْقَوْمَ الْكَافِرِينَ ﴾ ޔަޢުނީ : ކާފަރުންގެ ތެރެއިން އެބައިމީހުންގެ މައްޗަށް ލިޔެވިގެންވާ އެއްވެސް މީހަކަށް ހިދާޔަތެއް ނުލިބޭނެ އެވެ.
މި އާޔަތުގައި އަންނަނިވި ޙުކުމްތަކާއި ފައިދާތައްވެ އެވެ.
1. ހަމަކަށަވަރުން ކަލަގޮވުމާއި އުނދަގޫ ދިނުމުން ޞަދަޤާތުގެ ޘަވާބު ބާޠިލްވެގެންދާނެ ކަމެކެވެ. ކަލަގޮވުމާއި އުނދަގޫ ދިނުމުން (ޘަވާބާއި، ދަރުމަ، އަޖުރު) ބާޠިލްވަނީ، އެ (ޘަވާބާއި، ދަރުމަ، އަޖުރު) ވުޖޫދު ވުމަށްފަހުގަ އެވެ.
2. ހޭދަކޮށް، ޞަދަޤާތް ދިނުމަށްފަހުގައި ކަލަގޮވުމާއި އުނދަގޫ ދިނުމުގެ މައްޗަށް އިންޒާރު ދެވިފައިވުމެވެ. ސަބަބަކީ އޭނާގެ މުދާ ހޭދަކުރުމަށްފަހުގައި، ކަލަގޮވި ނުވަތަ އުނދަގޫ ދިނުމުން އޭގެ ޘަވާބު ބާޠިލްވީ އެވެ. އަދި ދުނިޔެއާއި އާޚިރަތުގައި އަބާއްޖަވެރިވީ އެވެ.
އެންމެހައި އަޚުންނޭވެ! ޝަރީޢަތުގައި ޙަރާމް ކުރައްވާފައި ކަންތައްތައް ޙަރާމް ކުރައްވާފައިވަނީ އިންސާނުންނަށް އެކަމުގައި ލާބައާއި މަންފާ ލިބުމަށްޓަކައެވެ. އަދި ހަމައެފަދައިން މާތް ނަބިއްޔާ ﷺ ގެ ސުންނަތުގައި ބަޔާންވެގެންވާ އެންމެހައި ބަސްފުޅުތަކަކީ ވެސް އަޅުތަކުންނަށް ދުނިޔެއާއި އާޚިރަތުގައި ހެވާއި ބާއްޖަވެރިކަމަށް ގެންގޮސްދޭނެ ކަންތައްތަކެއް ކަމުގައިވެ އެވެ. އަޚުންނޭވެ! ތަނަވަސް ކަމުގެ އަހުލުވެރިޔާ އޭނާގެ ތަނަވަސްކަމުން، ޞަދަޤާތް ދިނުމާއި، ހޭދަކުރުމަކީ އޭގެ ޘަވާބާއި ދަރުމަ، ވިސްނާވެސް ނުލެވޭނެހާ ގިނަ ގުނަތަކަށް އިތުރުވެގެންދާ ކަމެކެވެ. ތިމާގެ މުދާ މިފަދައިން ހޭދަކުރުމަށް ފަހުގައި، އެއީ އެއްވެސް އެއްޗެއް ކަމުގައި ނުވެ، ބޭކާރުވެ ހަލާކު ކޮށްލާނީ ކޮންފަދަ ހަމަނުޖެހޭ މީހެއްތޯ އެވެ؟
އާނއެކެވެ. މިއަދު އަޑުއިވޭ ބަސްތައް “އަހަރެން އޭނާއަށް މިވެނި ވަރެއް ދިނިން” “މިވެނި ވަރެއް ހޭދަކުރިން” “އަހަރެން އޭނާއަށް ހާދަ ޚަރަދެއް ކުރީމޭ” މިފަދަ ބަސްތައް ބުނާ މީހާއަށްް އެކުރެވެނީ ކޮންފަދަ ނުބައިވެގެންވާ ޢަމަލެއް ކަން އިނގޭ ބާއެވެ؟ މި ޙަދީޘްއިން އެކަނިވެސް މި ޖަރީމާގެ ބޮޑުކަން ދޭހަވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (ثلاثةٌ لا يُكلِّمُهمُ اللَّهُ يومَ القيامةِ ولا ينظُرُ إليهم ولا يزَكِّيهم ولَهُم عذابٌ أليمٌ : المسبِلُ، المنَّانُ، ووالمنَفِّقُ سلعتَه بالحلِفِ الكاذب) “ޤިޔާމަތްދުވަހުގައި ﷲ ބަސްފުޅުވަޙީ ނުކުރައްވާނެ، ބައްލަވާވޮޑިނުގަންނަވާނެ، އެބަޔަކަށް ފާފަ ނުފުއްސަވާނެ އަދި ގަދަފަދަ ޢަޛާބު ދެއްވާނެ 3 މީހަކުވެ އެވެ.” މިފަދައިން ތިންފަހަރު ތަކުކާރު ކުރެއްވި އެވެ. އެހިނދު ޞަޙާބީން ދެންނެވި އެވެ. އޭ ﷲ ގެ ރަސޫލާ އެވެ. އެބަޔަކަށްހުރި ނިކަމެތިކަމާއި އަބާއްޖަވެރިކަމުގެ ބޮޑުކަމާ އެވެ. އެބައިމީހުންނަކީ ކޮންބައެއްތޯ އެވެ؟ ޙަދީޘް ކުރެއްވި އެވެ. “އިސްބާލު ކުރާ މީހާ، ކަލަގޮވާމީހާ އަދި އޭނާގެ އަތުގައިވާ މުދާ ދޮގު ހުވާތަކެއްކޮށް ވިއްކާލާ މީހާ އެވެ.”
ކަލަގޮވުން، އެއްޗެއް ހޭދަކުރުމަށް ފަހުގައި އެ އެއްޗެއް ހޭދަކުރި ކަމުގައި ބުނުން، ފާޅުކުރުން މިއަދު އެއީ ލުއިފަސޭހަ ކަމެއްގެ ގޮތުގައި މީސްތަކުންގެ ތެރޭގައިވަނީ ވެފަ އެވެ. الإمام شيخ الإسلام ابن تيمية رحمه الله مجموع الفتاوى ގައި ވިދާޅުވެފައިވެ އެވެ. “ހޭދަ ކުރާމީހުން ބެހިގެންދާ 4 ބައި ﷲ سبحانه وتعالى ކީރިތި ޤުރުއާނުގައި البقرة ސޫރަތުގައި އަދި النساء ސޫރަތުގައި ވަޙީ ކުރެއްވި އެވެ. އެއްގޮތަކީ އޭނާ އަކީ النساء ސޫރަތުގައި ޢައިބު ކުރެވިފައިވާ ދަހި ކަމުގައިވެހުރެ ހޭދަ ކުރާމީހެއްގެ ގޮތުގައިވުމެވެ. ނުވަތަ ކަލަގޮވުމާއި އުނދަގޫ ދިނުމުގައި ހުރެ، ހިތް ނޭދޭ ޙާލުގައި ހޭދަކުރުމެވެ. އަދި މިއީ البقرة ސޫރަތުގައި ޛިކުރުކުރެވިފައިވާ އެބައެއްގެ ނަފްސުތަކަށް ޔަޤީންކޮށް ކަށަވަރުކޮށްގެން ތިބެ، ހޭދަކުރާމިހުން ގޮތުގައި ނުވާނެ އެވެ. ނުވަތަ ދެ ސޫރަތުގައި ވެސް ޢައިބު ކުރެވިގެންވާ ދެއްކުންތެރި ކަމުގައި ހޭދަކުރާ މީހެއްކަމުގައި ވުމެވެ. ފަހެ، ހަތަރުވަނަ ބަޔަކީ : ﷲ ގެ ޘަވާބާއި ދަރުމަ ލިބޭނެކަމަށް އެބައިމީހުންގެ ނަފްސުތަކުން ޔަޤީންކޮށް ކަށަވަރުކޮށްގެން ތިބެ ހޭދަކުރާ މީހުންނެވެ.
އަޚާއެވެ. ދަތި ޙާލުގައި، ބުރަ މަސައްކަތްކޮށްގެން ހޯދައިފައިވާ އަގުހުރި ތަކެތި ހޭދަކޮށް، އެއީ އެއްވެސް އަގެއްނެތި، ބޭކާރުވެ، ހަލާކުވެގެންދާ އެއްޗެއް ކަމުގައި ހެދުމަކީ ކޮންފަދަ ބޮޑު ނިކަމެތިކަމެއް ހެއްޔެވެ؟ ދުނިޔެއާއި އާޚިރަތުގައި އަބާއްޖަވެރިކަން ނޫން އެއްޗެއް އެއިން ނުލިބޭނެ އެވެ. އަހަރުމެން ﷲ ގެ ހަޟުރަތުގައި ދުޢާ ދަންނަވަނީ، އަޅަމެންނަކީ ﷲ ގެ ވަޖްހުފުޅަށްޓަކައި ހޭދަކުރާ އަދި ހޭދަކުރާ ތަކެއްޗަކީ އަޅަމެންގެ މީޒާނަށް ބަރުދަން ގެނެސްދޭ އެއްޗެއްގެ ގޮތުގައި ލެއްވުމެވެ. އަދި ކަލަ ގޮވުމުންނާއި މިފަދަ އެންމެހައި އާފާތްތަކުން އަޅަމެންގެ ހޭދަކުރުންތައް ސަލާމަތް ކުރެއްވުމެވެ.
Leave a Reply