ޢިލްމުވެރިން އެއްބަސްވާ ގޮތުގައި އިންސާނާގެ އަޅުކަމުގެ އަމަލުތައް މަޤްބޫލު ވެގެންވާނީ އޭގައި ތިން ޝަރުތެއް ފުރިހަމަ ވެގެންކަން ކީރިތި ޤުރްއާނާއި ސުންނަތުން ސަރީހަކޮށް އެނގެން އެބައޮތެވެ. މީގެ ތެރެއިން ފުރަތަމަ ޝަރުތަކީ އިސްލާމް ކަމެވެ. އިސްލާމް ކަމަކީ ﷲ ގެ އެއްކައުވަންތަކަން ގަބޫލުކޮށް އެ ފަރާތަށް ޝަރީކު ނުކޮށް އެ ފަރާތުގެ އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަންގަތުމެވެ. ކީރިތި ޤުރުއާނުގައި ﷲ އަންގަވަނީ ”ﷲ ގަބޫލު ކުރައްވާކަން ކަށަވަރީ ތަޤުވާވެރިންގެ ކިބައިންނެވެ.“ (އަލްމާއިދަތު 27). ތަޤުވާވެރިކަމަކީ އިސްލާމް ކަމާ ލައިގެން މެނުވީ ހާސިލުވާނެ ކަމެއް ނޫނެވެ.
ޢަމަލުތައް ފުރިހަމަވުމުގެ ނުވަތަ މަޤްބޫލު ވެގެން ދިއުމުގެ ދެ ވަނަ ޝަރުތަކީ އިޚްލާޞްތެރި ކަމެވެ. ޝަރުއީ ގޮތުން ބަލާއިރު އިޚްލާޞްތެރިކަމުގެ މާނައަކީ ކަންދެއްކުމެއް ނުވަތަ މަޝްހޫރުވުމަށް އެދުމެއް ނުވަތަ ދުނިޔަވީ މަސްލަހަތެއް ނެތި ﷲގެ ހަޒްރަތުން ސަވާބަށް އެދިގެން އެކަލާނގެ ވަޖުހުފުޅަށްޓަކައި އަޅުކަން ކުރުމެވެ. ﷲ އަންގަވަނީ އެ ކަލާނގެ އަށް ޚާލިޞް ކުރާ ހާލު މެނުވީ އެކަލާނގެ އަށް އަޅުކަން ކުރަން ނާންގަވާ ކަމަށެވެ. (އަލްބައްޔިނާ 5)
އައްޒުމަރު ސޫރަތުގެ ދެވަނަ އާޔަތުގައި ﷲ ވަނީ މިކަމަށް (އެބަހީ އެކަލާނގެ އަށް ޚާލިޞް ކުރާ ޙާލު އަޅުކަން ކުރުމަށް) އަމުރު ކުރައްވާފަ އެވެ. އަދި ހަމަ އެ ސޫރަތުގެ 11 ވަނަ އާޔަތުގައި ކީރިތި ރަސޫލު، ޞައްލަﷲ ޢަލައިހި ވަސައްލަމް، އަށް ﷲ އަންގަވަނީ އެކަލޭގެފާނު ވިދާޅުވުމަށެވެ. ”ހަމަކަށަވަރުން އަހުރެންނަށް އަމުރު ކުރައްވާފައި ވަނީ ﷲ އަށް ދީން ޚާލިޞް ކުރާ ހާލު އެކަލާނގެ އަށް އަޅުކަން ކުރުމަށެވެ“.
އިޚްލާޞްތެރި އަޅުންގެ ސިފަތައް ބަޔާން ކުރައްވަމުން އަލް އިންސާން ސޫރަތުގައި، މިސްކީނުންނާއި ޔަތީމުންނާއި އަސީރުންނަށް ކާންދިން ބައެއްގެ ވާހަކަ ބަޔާން ކުރައްވާފައި ވެ އެވެ. އެބައިމީހުން ބުނަމުން ގެންދިޔައީ ”ތިމަންމެން ތިޔަބައިމީހުންނަށް ކާންދޭކަން ކަށަވަރީ ﷲގެ ވަޖުހުފުޅަށްޓަކަ އެވެ. ތިޔަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް، އަދި ޝުކުރެއް ވެސް ތިމަންމެން ނޭދެމު އެވެ.“
އަޅުކަމާއި ހެޔޮ އަމަލުތައް ބަލައިގަތުމުގައި އިޚްލާޞްތެރިކަން ލާޒިމުވާނެ ކަމުގެ އަނެއް ދަލީލަކީ ކީރިތި ރަސޫލާގެ ބަސްފުޅެވެ. އެކަލޭގެފާނު ހަދީސް ކުރައްވަނީ ”ހަމަކަށަވަރުން އަމަލުތައް ބަލައިގަތުން ވަނީ ނިޔަތްތަކުގެ މައްޗަށެވެ. އަދި ކޮންމެ މީހަކަށް ވެސް ލިބެނީ (އެބަހީ ސަވާބު ލިބޭނީ) އެމީހަކު ނިޔަތްގަތް ކަމެއްގެ މައްޗަށެވެ.“
އިޚްލާޞްތެރި ކަމަކީ ﷲގެ ވަޖުފުޅަށްޓަކައި އެކަލާނގެ އަށް ޚާލިޞްކުރުން ކަމުގައި ވާހިނދު މި އިޚްލާޞްތެރިކަން ނިގުޅައިގަންނަ ކަންތައްތަކެއް ވެ އެވެ. އެ ކަންތައްތައް ދެނެގަތުމަކީ ހަމަ ކޮންމެހެން ލާޒިމު ކަމެކެވެ. މިގޮތުން އެއް ކަމަކީ ކަންދެއްކުމެވެ. އެބަހީ މީސްތަކުންނަށް ތިމަން މިވެނި ކަމެއް އެބަ ކުރާކަން ފާޅު ކުރެވިގެން ދިއުމެވެ. އަދި އެމީހުންގެ ފަރާތުން އެކަމަށް ތައުރީފު ލިބުމަށް އުންމީދު ކުރެވުމެވެ. ކަންދެއްކުމަކީ ނުބައިކަން ބޮޑުވެގެންވާ ކަމެކެވެ.
ކީރިތި ރަސޫލު، ޞައްލަﷲ ޢަލައިހި ވަސައްލަމް، އެކަމަށް ދެއްވާފައި ނަމަކީ ”ފޮރުވިފައިވާ ޝިރުކު“ އެވެ. އެކަލޭގެފާނު ހަދީސް ކުރެއްވި އެވެ. ”ތިމަންކަލޭގެފާނުގެ އުންމަތުގެ މައްޗަށް ތިމަންކަލޭގެފާނު އެންމެ ބިރުފުޅުގެން ވަޑައިގަންނަވާ ކަމަކީ ފޮރުވިފައިވާ ޝިރުކެވެ.“ އެއީ ކޮން ކަމެއްތޯ ދެންނެވުނު ހިނދު އެކަލޭގެފާނު ހަދީސް ކުރެއްވީ އެއީ ކަންދެއްކުމެވެ.
އިޚްލާޞްތެރިކަން ނިގުޅައިގަންނަ ދެ ވަނަ ކަމަކީ މަޝްހޫރުވުމަށް މަސައްކަތް ކުރުމެވެ. އެބަހީ މީސްތަކުންގެ މެދުގައި ތިމާ އަކީ ހެޔޮ އަމަލު ކުރާ މީހެއް ކަމަށް މަޝްހޫރުވެގެން ދިއުމަށްޓަކައި އެކި ގޮތްގޮތުން ތިމާ ކުރާ އަމަލުތައް އިޝްތިހާރު ކުރެވިގެން ދިއުމެވެ. މިއީ ވެސް ނުރައްކާތެރި ކަމެކެވެ. ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ގެ ހަދީސްފުޅަކުން އެނގޭ ގޮތުގައި މީހަކު އެމީހެއްގެ އަމަލުތައް އިޝްތިހާރު ކޮށްފި ނަމަ ޤިޔާމަތް ދުވަހުން ﷲ އެމީހެއްގެ އައިބުތައް އެންމެންގެ ކުރިމަތީ ފާޅު ކުރައްވާނެ އެވެ.
ކަންދެއްކުމާއި މަޝްހޫރުވުމަށް މަސައްކަތް ކުރުމުން އަމަލުތައް ގަބޫލު ނުކުރެވި ދާނީ ގަސްދުގައި މިކަންކަން ކުރުމުންނެވެ. ގަސްދެއް ނެތި އެކަމެއް ކުރަން އޮންނަ ގޮތަކަށް ކުރުމުން މީސްތަކުންނަށް ފެނުމާއި މަޝްހޫރު ވެގެންދިއުމާއި މީސްތަކުންގެ ތައުރީފު ލިބުން އެއީ މައްސަލައެއް ނޫނެވެ. ނުވަތަ އެހެން މީހުންނަށް ހެޔޮ ކަންތަކަށް ހިތްވަރުދިނުމުގެ ނިޔަތުގައި އަމަލުތައް ދެއްކުމަކީ ވެސް ކަންދެއްކުން ނުވަތަ މަޝްހޫރުވުމަށް އެދުން ކަމުގައި ނުބެލެވޭނެ އެވެ.
މިކަމުގެ ދަލީލަކީ ﷲ ގެ ވަހީ ބަސްފުޅެވެ. ”ސަދަގާތްތައް ތިޔަބައިމީހުން ފާޅުގައި ދެނީ ނަމަ ފަހެ އެއީ ނުހަނު މޮޅު ކަމެކެވެ. އަދި ތިޔަބައިމީހުން ވަންހަނާކޮށް އެ ސަދަގާތްތައް ފަގީރުންނަށް ދެނީ ނަމަ ތިޔަބައިމީހުންނަށް އެކަމުގެ ހެޔޮކަން މާބޮޑެވެ.“ (އަލްބަޤަރާ 271)
އިޚްލާޞްތެރިކަން ނިގުޅައިގަންނަ ތިން ވަނަ ކަމަކީ ދުނިޔަވީ މަސްލަހަތަކަށްޓަކައި އަޅުކަން ނުވަތަ ހެޔޮ އަމަލު ކުރުމެވެ. ސަބަބަކީ މިއީ މުނާފިގުންގެ އަމަލުތަކުގެ ތެރެއިން އަމަލެކެވެ. އަދި ﷲ ސިފަ ކުރައްވާ ގޮތުގައި އެއީ ﷲ އަށް ހަދާ މަކަރެކެވެ. މުނާފިގުންނަކީ އެފަދަ ބައެއްކަން އައްނިސާއު ސޫރަތުގެ 142 ވަނަ އާޔަތުގައި ބަޔާން ކުރައްވާފައި ވެ އެވެ.
ދުނިޔަވީ މަސްލަހަތަކީ އިޚްލާޞްތެރިކަން ނިގުޅައި ގަންނަ ކަމެއްކަން އެނގޭ ދެވަނަ ދަލީލަކީ ހިޖުރަ ކުރުމުގައި ﷲ އާއި ރަސޫލާއަށްޓަކައި ހިޖުރަ ކުރި މީހާ ފިޔަވައި ދުނިޔަވީ ބޭނުމަކަށް ނުވަތަ ކައިވެންޏަކަށްޓަކައި ހިޖުރަ ކުރި މީހާގެ ހިޖުރަ އިން ސަވާބު ނުލިބޭނެކަން ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ބަޔާން ކުރައްވާފައި ވުމެވެ.
އަޅުކަން ފުރިހަމަވާ ނުވަތަ މަޤްބޫލު ވެގެންދާ ތިން ވަނަ ޝަރުތަކީ އެކަން އަދާ ކުރުމުގައި ﷲ އާއި ރަސޫލާ ބަޔާން ކުރައްވާފައިވާ ގޮތަށް އެކަން ކުރުމެވެ. އަލްއަޙްޒާބު ސޫރަތުގެ 36 ވަނަ އާޔަތުގައި ﷲ އަންގަވަނީ ﷲ އާއި ރަސޫލާ ކަމެއްގައި ވަކި ގޮތަކަށް ނިންމަވައިފި ނަމަ ދެން އެކަމަކާ މެދު މުއުމިނު ފިރިހެނަކަށް ވިއަސް އަދި މުއުމިނު އަންހެނަކަށް ވިއަސް އެހެން އިޚްތިޔާރެއް ނޯންނާނެ ކަމަށެވެ.
އަޅުކަންތަކާއި އެ ނޫން ވެސް ހެޔޮ އަމަލުތަކުގައި އެކަން ކުރަންވީ ގޮތުގެ އެންމެ ރިވެތި ނަމޫނާ ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ކިބައިން ފެނިގެންދާނެ ކަން ﷲ ވަނީ އަންގަވާފަ އެވެ. (އަލްއަޙްޒާބު 21). އަދި ކީރިތި ރަސޫލާ. ޞައްލަﷲ ޢަލައިހި ވަސައްލަމް، (ޣަނީމާ މުދަލުގެ ތެރެއިން) ދެއްވައިފި އެއްޗެއްގައި ހިފުމަށާއި ނުދެއްވައި ހިފަހައްޓަވައިފި އެއްޗަކުން ދުރުހެލިވުމަށް އޮންނަ އަމުރުން (އަލްޙަޝްރު 7) ވެސް ދަލީލު ލިބެނީ އެކަލޭގެފާނުގެ އަމުރުފުޅުތަކަށް ތަބާވެ ނަހީތަކުން ދުރުހެލިވެގެން މެނުވީ އަމަލުތައް ގަބޫލު ވެވިގެން ނުދާނެ ކަމެވެ.
މީގެ އިތުރުން އަޅުކަންތައް ކުރުމުގައި އަމިއްލަ އަށް ހަދަހަދައިގެން ކަން ކުރުމަކީ ބިދުއައެއް ކަމާއި ބިދުއައިގެ ހުރި ނުބައިކަން ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ބަޔާން ކުރައްވާފައި ވެ އެވެ. ވީމާ ކޮންމެ މުސްލިމަކު ވެސް އަޅުކަންތަކާއި އެނޫން ވެސް ހެޔޮ އަމަލުތައް ކުރުމުގައި މި ބަޔާންކުރެވުނު ތިން ޝަރުތު، އާދެ، އިސްލާމްކަމާއި ތަޤުވާގެ މަތީ ދެމިހުރުމާއި، އިޚްލާޞްތެރިވުމާއި، އަންގަވާފައިވާ ގޮތަށް އަމަލުކުރުން، ފުރިހަމަ ކުރެވޭތޯ މަސައްކަތް ކުރަން ޖެހޭނެ އެވެ. އަމަލުތައް ފުރިހަމަވާނީ އަދި ﷲ ގެ ހަޒްރަތުގައި އެކަން ބަލައިގަނެވޭނީ އޭރުންނެވެ.
Leave a Reply