loader image
22 May 2025, Thu

އަރިދަފުސް ރޯގާ ފެތުރެނީ، ސަމާލުވޭ!

ބަލާފައިވަނީ: 432
ކިޔުމަށް ހޭދަވާނީ:58 ސިކުންތު

މިދުވަސް ކޮޅު އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވެފައިވާކަމަށް މާއުނގޫދޫ ޞިއްހީ މަރުކަޒުން ހާމަކޮށްފި

މާއުނގޫދޫ ޞިއްޙީ މަރުކަޒުން  މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިދުވަސްކޮޅު ރޯގާ ޖެހިގެން އާންމުކޮށް ޑޮކްޓަރަށް ދައްކަމުންދަނީ އުމުރުން 8 އަހަރުން ދަށުގެ ކުޑަކުދިންކަމަށެވެ. އަރިދަފުސް ރޯގާއަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔަކަށްވާތީވެ އިތުރަށް ސަމާލުވުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

އެގޮތުން ރޯގާއިން ރައްކާތެރިވެ ތިބުމަށްޓަކައި ޙާއްޞަ ސަމާލުކަމެއް ދިނުމަށާއި ރޯގާ ޖެހިފައިވާނަމަ ކުދިން ސުކޫލަށް ނުފޮނުވަމަށާއި މީހުން އެއްވެއުޅޭ ތަންތަނަށް ނުނެރުމަށް އިލްތިމާސްކޮށްފައިވެއެވެެ. މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ސާފުތާހިރު ކަމުގެ ފިޔަވަޅު އެޅުން ވަރަށް މުހިއްމެވެ. އެގޮތުން ކެއްސާ، ކިނބިހި އަޅާއިރު އަނގަޔާ ނޭފަތް ޓިޝޫއަކުން ނިވާކުރުމާއި، ނިވާކުރުމަށް ޓިޝޫ އެއް ނެތްނަމަ، ތިމާގެ މުލައްދަނޑިން އަނގަޔާ ނޭފަތް ނިވާވާގޮތަށް ހުރަސް ކުރައްވުމާއި ބޭނުންކުރާ ޓިޝޫ ކުނި ވަށިގަނޑަށް އެއްލާލުމަށް މާއުނގޫދޫ ޞިއްޙީ މަރުކަޒުން އިރުޝާދު ދެއެވެ. އަދި ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

އަރިދަފުސް ރޯގާ އަކީ ތަފާތު ވައިރަސް ތަކުގެ ސަބަބުން ނޭވާލުމުގެ ނިޒާމަށް ޖެހޭ، ފަސޭހަ ކަމާއެކު ގައިން ގަޔަށް އަރާ ބައްޔެކެވެ. އަރިދަފުސް ރޯގާގެ އަސަރު ނޭފަތުގެ އިތުރުން، ނޭފަތުގެ ވަށައިގެންވާ ވައިކޮތަޅުތައް، ކަންފަތް، އަދި ވައިނޮޅި އާއި، ވައިނޮޅީގެ ކަފި އަށް ވެސް ކުރެއެވެ.

އަރިދަފުސް ރޯގާ ފެތުރެނީ ބަލިޖެހިފައިވާ މީހާ ކެއްސައި، ކިނބިހިއެޅުމުގެ ތެރޭގައި ބޭރުވެގެންދާ ނުވަތަ ބުރައިގެންދާ ކުޅު ތިކި ފަދަ ތަކެތި ސަލާމަތުންހުރި މީހާގެ ނޭފަތަށް ނުވަތަ ލޮލަށް ވާޞިލްވުމުންނާއި، އަދި ޖަރާސީމް ތަތްލާފައި ނުވަތަ ހަރުލާފައި ހުރި ތަނެއްގައި އަތްލުމަށްފަހު ނޭފަތަށް، އަނގަޔަށް ނުވަތަ ލޮލަށް އަތްލުމުން ހަށިގަނޑަށް ވައިރަސް ވާޞިލްވުމުންނެވެ.

މި ލިޔުން ކިޔާލުމުން
+1
0
+1
0
+1
0
+1
0

ހިޔާލު ފާޅުކުރެއްވުމަށް

އީމެއިލް އެޑްރެސް އާމެއްނުކުރެވޭނެ ކޮންމެހެން ހިމަނަންޖެހޭ ބައިތައް ފާހަގަކުރެވިފަ *