ކޮމަން ކޯލްޑް ނުވަތަ އަރިދަފުސް ރޯގާ ޖެހުމުން ފެންނަ އަލާމާތްތަކުގެ ތެރޭގައި ކަރުތެރޭގައި ރިއްސުމާއި ކެއްސުން އަދި ނޭފަތުން ފެން ފޭބުމާއި މެޔަށް ބާރުކުރުން ފަދަ ކަންކަމެވެ. ފުލޫގެ އަލާމާތްތައް ވެސް ހަމަ މިއާ ވަރަށް އެއްގޮތެވެ. ނަމަވެސް ފްލޫގައި ބޮލުގައި ރިހުން، ގައިގައި ރިހުން އަދި ހުން އައުން ވެސް ހިމެނެ އެވެ.
ފްލޫ އާއި ކޯލްޑްގެ ވެސް އަލާމާތްތައް ދާދި އެއްގޮތަކަށް ހުންނަ އިރު މިއިން ކޮންމެ ވައްތަރެއްގެ ރޯގާއެއް ދެ ހަފުތާއެއްހާ ދުވަހަށް ވުރެ ދިގު ލައިގެން ދަނީ ވަރަށް މަދު ހާލަތެއްގަ އެވެ. ނަމަވެސް ރޯގާ ޖެހުމަކީ އޭގެ ޒާތުގައި މީހުންނަށް ވަރަށް ތަކުލީފު އުފުލަންޖެހޭ އަދި އާންމުންގެ ތެރެއަށް ނުކުމެ އުޅެން ހިތްހަމަނުޖެހޭ ޒާތުގެ ކަމަކަށްވެ އެވެ. އެހެންވެ އަވަހަށް ފަރުވާ ހޯދައި ރަނގަޅު ވޭތޯ ބަލަންޖެހެ އެވެ.
ބަލި ޖެހުމުގެ ކުރިން ދިފާއުވުން
ރޯގާގައި ވެސް އޮތް އެންމެ ރަނގަޅު ގޮތަކީ ބަލި ޖެހުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމެވެ. ފްލޫ އަށް ވެކްސިން ހުއްޓަސް ރޯގާއަށް ވެކްސިނެއް ނެތެވެ. މިކަމަށް އޮތީ ހަމައެކަނި ރައްކާތެރިކަމުގެ ފިޔަވަޅެވެ. މިއީ ވައިރަހުން ފެތުރޭ ބައްޔަކަށް ވާތީ ވައިރަސް އާ ނުވަތަ ބަލި ޖެހިފައިވާ މީހުންނާ ދުރުގައި އުޅުމާއި އަމިއްލަ ހަށިގަނޑުގެ ދިފާއީ ބާރު ގަދަކުރަން މަސައްކަތް ކުރުން މުހިއްމެވެ.
ނަމަވެސް މި ހުރިހާ މަސައްކަތެއް ކޮށްގެން ބަލައިގެން އުޅުނަސް ބައެއް ފަހަރަށް އަރިދަފުސް ރޯގާ ޖެހެ އެވެ. ރޯގާއަށް ކަނޑައެޅިގެން ވަކި ބޭހެއް އަދި ނެތެވެ. އެހެންވެ ރޯގާ ޖެހުމުން އަރާމުކޮށް، ވައިރަސްތައް ހަށިގަނޑުން ނެތިގެން ދަންދެން އިންތިޒާރުކުރަން ޖެހެ އެވެ.
ފާހަގަކޮށްލަންޖެހޭ އެންމެ މުހިއްމު އެއް ކަމަކީ ފްލޫ އާއި ކޯލްޑް އަށް އެންޓިބައޮޓިކްސް އަކީ ބޭކާރު އެއްޗެއް ކަމެވެ. އެންޓީބައޮޓިކްސް އަކީ ބެކްޓީރިއާ އިން ޖެހޭ އިންފެކްޝަންތަކަށް ފަރުވާކުރަން ހުންނަ އެއްޗެކެވެ. ނަމަވެސް ނޭވާލުމުގެ ނިޒާމަށް ކުރިމަތިވާ ކޯލްޑާއި ފްލޫ އަކީ ވައިރަހުން ޖެހޭ އެއްޗެކެވެ.
ފްލޫ އަށް ބޭނުންވާ އެންޓިވައިރަލް ފަރުވާ މިހާރު ލިބެން ހުރެ އެވެ. ނަމަވެސް މެޑްސްކޭޕް އިން ބުނެފައިވާ ގޮތުގައި ރޯގާގެ ސަބަބުން ނިއުމޯނިއާ ކަހަލަ ނުރައްކާތެރި ބައްޔެއް ޖެހުމުގެ ނުރައްކާ ނެތް ނަމަ މި ފަރުވާ ދިނުން މުހިއްމެއް ނޫނެވެ. އަދި ދެ އަހަރުން ދަށުގެ ކުދިންނާއި 65 އަހަރުން މަތީގެ މީހުން އަދި މާބަނޑު މީހުންނާއި ވިހައިގެން ގާތުން ދޭ މީހުން ވެސް މި ފަރުވާ ހޯދާކަށް ނުޖެހެ އެވެ.
ބޭސް ފިހާރަތަކުން އާއްމުކޮށް ލިބޭ ބޭސް
ޒިންކް ލޮޒެންޖާޒް: މި ބޭނުންކުރުމުން، ރޯގާ ޖެހިފައި ހުންނަ މުއްދަތު ކުރު ކުރެވިދަނެ އެވެ. ނަމަވެސް ލިބޭ ފައިދާއާ ގުޅޭ ގޮތުން ސައިންޓިފިކް ހެއްކެއް ނެތެވެ.
ޑިކޮންޖެސްޓަންޓްސް: ނޭފަތް ބެދިފައިވާ ނަމަ މީގެ ބޭހެއް ބޭނުންކުރަން ރަނގަޅެވެ. ނޭފަތް ބެދެން މެދުވެރިވަނީ ނޭފަތުގެ ތެރޭގައިވާ ލޭ ހޮޅިތައް ހަނިވެ، ދަވަ އުފައްދައިދޭ މެމްބްރޭން އަށް ރަނގަޅަށް ލޭ ފޮނުވައިނުދެވުނީމަ އެވެ.
ވިޓަމިން ސީ: މިއީ ވެސް ކޯލްޑް އާއި ފްލޫ އަށް ގިނަ ބަޔަކު ބޭނުންކުރާ ވަރަށް މަގްބޫލު އެއްޗެކެވެ. ވިޓަމިން ސީ އަކީ ދިފާއީ ނިޒާރު ވަރުގަދަކުރާ އެއްޗެއް ނަމަވެސް ވިޓަމިން ސީ ކެއުމުން އަވަހަށް ރޯގާ ރަނގަޅުވަކަމުގެ ސައިންޓިފިކް ހެއްކެއް ނެތެވެ.
އެކްސްޕެކްޓޯރަންޓް: ފުއްޕާމެއާއި އެއާ ގުޅިފައިވާ ބައިތަކުގައި ދަވަ ހުރި ނަމަ އެ ދަވަތައް ނެރެން ބާރު އަޅަ އެވެ.
ގޭގައި ދެވިދާނެ ފަރުވާ
އަރިދަފުސް ރޯގާގެ ބާވަތްތަކަށް އެކި ވައްތަރުތަކުގެ 100 އަށް ވުރެ ގިނަ ހޯމް ރިމެޑީޒް ހުރެ އެވެ. ބައެއް މީހުންނަށް މި ކަހަލަ ހޯމް ރިމެޑިޒް އިން ލުއިވެ އެވެ. އަނެއްބަޔަކަށް ކަމުދަނީ އެހެން ވައްތަރެކެވެ. އެހެންވެ ހޯމް ރިމެޑީޒް ޖެހޭނީ އެކި ވައްތަރު އަޖުމަ ބަލަމުން ގޮސް އެމީހަކަށް އެންމެ ލުއި ލިބޭ އެއްޗެއް ދެނެގަންނާށެވެ.
އަރިދަފުހަށް ގޭގައި ކުރެވިދާނެ ބައެއް ކަންތައްތައް:
ޗިކަން ސޫޕް ނުވަތަ ކުކުޅު ސުރުވާ: މިއީ ބަލިވީމާ ބޯން އެންމެ ރަނގަޅު އެކައްޗެވެ. ހޫނު ހޫނު ސޫޕް ބޯނަމަ ނޭވާލުމުގެ ނިޒާމުގެ މަތީ ބައިގައި ހުންނަ ދަވަތައް ސާފު ވާނެ އެވެ.
ދިޔާ އެއްޗެތި ބުއިން: ކޮންމެ ވައްތަރެއްގެ ރޯގާއެއް ޖެހުނަސް އަރިދަފުސް ރޯގާ އަކީ މީހާގެ ގައިން ފެން މަދުކޮށްލާ ބައްޔެކެވެ. އެހެންވެ ވީހާވެސް ގިނައިން ދިޔާ އެއްޗެތި ބޯން ޖެހެ އެވެ. ހާބަލް ޓީ، ފެން، މޭވާގެ ޖޫސް ރަނގަޅު ވާނެ އެވެ. ނަމަވެސް ކެފެއިން އެކުލެވޭ ބުއިންތައް ކަމަކު ނުދާނެ އެވެ. ސަބަބަކީ މިފަދަ އެއްޗެތި ބުއިމުން މާ ގިނައިން ކުޑަކަމުދާން ޖެހޭނެތީ އެވެ.
އަރާމުކުރުން: ރޯގާ ޖެހުމުން ގިނަ ބޭސްތައް ކައިގެން އަވަހަށް ރަނގަޅުވާން މަސައްކަތް ނުކުރާށެވެ. ރޯގާ ފަސޭހަވާން ވަގުތު ބޭނުންވާނެ އެވެ. ބޭނުން ނަމަ އެނދުގައި އޮވެ އެއް ދުވަހު އަރާމު ކޮށްލިޔަސް އެއީ މާ ބޮޑު މައްސަލައެއް ނޫނެވެ.
އާވި އެރުވުން: ފެން ކައްކައިގެން އެއިން ނޭފަތަށް އާވި އެރުވުމަކީ ނޭފަތް ބެދިފައިވާ ނަމަ އަލުން ނޭފަތް ހުޅުވާލަން ވަރަށް ރަނގަޅު ގޮތެކެވެ. ނިދާ ކޮޓަރީގައި ހިއުމިޑްފަޔައެއް ބެހެއްޓުން ވެސް ރަނގަޅުވާނެ އެވެ.
ހޫނު ފެނަށް ލޮނު އަޅައިގެން ކަރު ދޮވުން: ރޯގާގެ ސަބަބުން ކަރުތެރެ ހިރުވުމާއި ރިއްސުން އަދި އެނޫންވެސް ކަރުތެރޭގައި ހުންނަ އުނދަގޫތަކަށް އެންމެ ރަނގަޅު ފަރުވާ އަކީ ހޫނުފެނަށް ލޮނުކޮޅެއް އަޅައިގެން އެ ފެނުން ގާގްލް ކުރުން ނުވަތަ ކަރުތެރެ ދޮވުމެވެ. ދުވާލަކު ދެތިން ފަހަރަކު މި ފަރުވާ ނެގިދާނެ އެވެ.
މެންތޯލް އަޅާފައި ހުންނަ އޮއިންޓްމަންޓް: ވިކްސް ވޭޕޯރަބް ކަހަލަ ތަފާތު އޮއިންޓްމަންޓްތައް ރޯގާ އަށް ތައްޔާރުކޮށްފައި ހުރެ އެވެ. އެމީހަކަށް އެންމެ ރަނގަޅުވާހެން ހީވާ އޮއިންޓްމަންޓެއް ބޭނުންކޮށްގެން ނޭފަތާއި މޭގައި ބާމުކޮޅެއް އުނގުޅާލައި އޭގެ އާވި ނޭފަތުން ލައިގެން ވަނުމުން ނޭފަތް ބެދުމާއި އަރިދަފުސް ހަރުލުމުން ދުރުވެ އެވެ.
ލުނބޯ: މި މޭވާގައި ވިޓަމިން ސީ ހުރެ އެވެ. އަދި މިއީ ދިފާއީ ނިޒާމު ވަރުގަދަކުރާ އެއްޗަކަށް ވާތީ މިއީ އަރިދަފުސް ރޯގާގެ ތަފާތު ވައްތަރުތަކާ ހަނގުރާމަކުރަން ވަރަށް ރަނގަޅު އެއްޗެކެވެ. ލުނބޯހުތް ފޮދެއް ހޫނު ފެނަށް އަޅައިގެން ބޯލުމުން މޭގައި ހިފާފައި ހުންނަ ދަވަތައް ދެ އެވެ. އަދި މާމުޔާއި އިނގުރު ދިޔައިގެ ތެރެއަށް ލުނބޯހުތް ޖަހައިގެން ބޭނުންކުރުމުން ވެސް ވަރަށް ގިނަ ބަޔަކަށް ލުއި ލިބެ އެވެ.
Leave a Reply